ކުަޑަ އައްޔަ ބަލިކޮށް ލަބޭރާ ބޮޑީބޯޑިންގް ޗެލެންޖްގެ ޗެމްޕިއަންކަން އާމިން ހޯދައިފި

މި މަހު 8-5 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ދިޔަ ލަބޭރާ ބޮޑީބޯޑިންގް ޗެލެންޖުގެ މެންސް އޯޕެންގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފި އެވެ.
އިއްޔެ މެންދުރު ކުރިޔަށްދިޔަ މި މުބާރާތުގެ މެންސް އޯޕެން ފައިނަލްގައި އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި ވާދަކޮށް އާމިން ހީޓު ކާމިޔާބުކުރީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 13.17 ގެ ސްކޯއެއް ހޯދައިގެންނެވެ. ކުޑަ އައްޔަ އަށް ލިބުނީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 8.60 ގެ ސްކޯއެކެވެ. މިއީ އާމިން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ޖޫނިއާ މެންސް އޯޕެންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިޔަން އަހުމަދު ބަލިކޮށް މުހައްމަދު އަޒާން އަހުމަދު އެވެ. 2 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރި އަޒާން ވަނީ ފައިނަލް ހީޓުގައި އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 13.17 ގެ ސްކޯއެއް ހޯދާފަ އެވެ. އިޔަންއަށް ލިބުނީ 6.33 ގެ ސްކޯއެކެވެ.
މި މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީ މިފަހަރުވެސް ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. ފައިނަލްގައި ކުޑަ އައްޔަ ވަނީ 9.50 ގެ ސްކޯއެއް ހޯދާފަ އެވެ. ފައިނަލްގައި އައްޔައާއި ވާދަކުރި އާމިންއަށް ލިބުނީ 6.16 ގެ ސްކޯއެކެވެ.
ބޮޑީބޯޑިންގް ގައުމީ ލީގުގެ ދެވަނަ މުބާރާތް ކަމުގައިވާ ލަބޭރާ ބޮޑީބޯޑިންގް ޗެލެންޖްގައި މި އަހަރު ރާއްޖޭގެ 8 ސަރަހައްދަކުން ޖުމްލަ 21 އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ. އެއީ މެންސް އޯޕެންގައި 19، ޖޫނިއާ މެންސް އޯޕެންގައި 9 އަދި ޑްރޮޕްނީ ކެޓެގެރީގައި 7 އެތްލީޓުންނެވެ.
މި މުބާރާތުގެ ކުރިން މި އަހަރު ޖޫން މަހު ބޮޑީބޯޑިންގް ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ކަމުގައިވާ ބުރުނު ޝިކާރަ ބޯޑީބޯޑިންގް ޗެލެންޖްވެސް މާލޭގައި ވަނީ ބާއްވާފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދީ އާމިން އެވެ.
މި އަހަރުގެ ލީގުގެ ދެ މުބާރާތުގެ ޗެމްޕިއަންކަން އާމިން މިހާރު ހޯދާފައިވާ އިރު އާމިން ވަނީ ލީގު ކާމިޔާބުކުރުމާއި ގާތަށް ޖެހިލާފަ އެވެ. ސެޕްޓެމްބަރު މަހުގައި އޮންނަ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ކުއާާޓާ ފައިނަލް ނުވަތަ ސެމީ ފައިނަލަށް ދަތުރުކުރެވިއްޖެނަމަ އާމިންއަށް ލީގު ޔަގީން ވާނެ އެވެ.
ސެޕްޓެމްބަރު މަހު އޮންނަ ބަނޑުފިލާ ޗެލެންޖަކީ މި އަހަރު ބޮޑީބޯޑިންގް ލީގުގެ އެންމެ ފަހު މުބާރާތެވެ.
ރިއެކްޓް



