ޖޯޖިއާގައި ކުރިއަށް ދިޔަ ބަޓޫމީ ކަޕުން ލައިބާއަށް 3 މެޑަލް

މި މަހު 20 އިން 24 އަށް ޖޯޖިއާގައި ކުރިއަށް ދިޔަ ބަޓޫމީ ކަޕް ޔޫތް އިންޓަނޭޝަނަލް 2025 އިން ރާއްޖޭގެ ސީނިއާ ބެޑްމިންޓަން ގައުމީ ޓީމުގެ ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް 3 މެޑަލް ހޯދައިފި އެވެ، ލައިބާ މު މުބާރާތުގައި ހޯދީ ދެ ލޯ މެޑަލާއި އެއް ރިހި މެޑަލެވެ.
ތިން އުމުރުފުރާއެއްގައި 78 ކުޅުންތެރިން ބައިވެރިވި މި މުބާރާތުގައި ލައިބާ ބައިވެރިވީ 13 އަހަރުން ދަށުގެ ކެޓެގަރީގަ އެވެ. މި ކެޓެގަރީގެ ތިން އިވެންޓު ކަމަށްވާ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްއިން ލައިބާ ވަނީ މެޑެލް ހޯދާފައެވެ. އެއީ ޑަބަލްސް އިވެންޓުގެ ރިހި މެޑަލް، އަދި އަނެއް ދެ އިވެންޓުގެ ލޯ މެޑަލެވެ.
އަންހެން ސިންގަލްސް ގެ ސެމީ ފައިނަލުން ލައިބާ ބަލިވެފައިވަނީ އެ އިވެންޓުގެ ރަން މެޑަލް ހޯދި ސޯފިއާ އަތުންނެވެ. މިދިޔަ އަހަރުގެ މި މުބާރާތުގައިވެސް ލައިބާ ވަނީ މި އިވެންޓުގެ ލޯ މެޑަލް ހޯދާފަ އެވެ. މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން ލައިބާ އަދި އަރްމޭނިއާއަށް ނިސްބަތްވާ މަނުކްޔާން ނެރެކް ގެ ޕެއާ ސެމީ ފައިނަލުން ބަލިވެފައިވަނީ ތުރުކީގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ.
ރިހި މެޑަލް ހޯދި އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލަށް ލައިބާ އަދި ޖޯޖިއާގެ މަގްދާ ޝަކްބަޒީން ބަލިވީ ވެސް ސީދަ ދެ ސެޓުންނެވެ. ފޯރިގަދަކޮށް ދިޔަ ފައިނަލް މެޗުން ލައިބާގެ ޕެއާ ބަލިވެފައިވަނީ 13-15 އަދި 10-15 އިންނެވެ. މި އިވެންޓުގައި މިދިޔަ އަހަރު ލައިބާއަށް ލިބުނީ ލޯ މެޑަލެވެ.
ލައިބާ އަކީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ވަރަށް ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދަދީފަ އެވެ.
ރިއެކްޓް



