ކުޅިވަރު

ޖޫނިއާ ސާފަރުންގެ ވިދުން ފަނޑެއް ނުވި، ޔައްތި އާއި ކައި ޒަކީ ކުއާޓާއަށް

އޮގަސްޓް 8, 2025 - 17:46
 0
ޖޫނިއާ ސާފަރުންގެ ވިދުން ފަނޑެއް ނުވި، ޔައްތި އާއި ކައި ޒަކީ ކުއާޓާއަށް
ކައި ޒަކީ އަދި ޔައްތި ރާއްޖޭގެ ދިދަ ހިފައިގެން. ފޮޓޯ: ސިޑިބަރި

އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ކުއާާޓާ ފައިނަލަށް ރާއްޖޭގެ ޔަސިން ނާޝިދު (ޔައްތި) އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކަައި) ދަތުރުކޮށްފި އެވެ. 

އިންޑިއާގެ ތަމިލް ނާޑޫގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު އޯޕެން މެންސް އަދު ޖޫނިއާ މެންސްގެ ބައިގައި ރާއްޖޭގެ ސާފަރުން ވަނީ ރާޅާ އަޅާފަ އެވެ.

 އޯޕެން މެންސްގެ ރައުންޑް 3 ގެ 3 ވަނަ ހީޓުގައި ވާދަކޮށް އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ލިބުނީ އެންމެ ރަނގަޅު ދެ ރާޅުން 3.44 ގެ ސްކޯއެކެވެ. ހީޓުގެ 4 ވަނައަށް ދިއުމުން ސްމައިލީ ވަނީ މުބާރާތުން ކަޓާފަ އެވެ. މި ރައުންޑުގެ 4 ވަނަ ހީޓުގައި ވާދަކޮށް ހޫދު އަހުމަދު (ހޫބްސް) ދިޔައީ ހީޓުގެ 3 ވަނަ އަށެވެ. އެއީ އެންމެ ރަނގަޅު ދެ ރާޅުން ޖުމްލަ 8.83 ގެ ސްކޯ އަކުންނެވެ. އެއާއި އެކު ހޫބްސް ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ. އަހުމަދު އާގިލް (އަންމަޑޭ) ވާދަކޮށްފައިވަނީ ހީޓު 6 ގަ އެވެ. ވާދަވެރިކޮށް ދިޔަ މި ހީޓުން އަންމަޑޭ އަށް ލިބުނީ 3 ވަނަ އެވެ. އެއީ 8.93 ގެ ސްކޯއަކުންނެވެ. އަންމަޑޭ އަދި ހީޓުގެ 2 ވަނަ ހޯދި ޗައިނާގެ ލިއު ޗެން އާއި ދެމެދު އޮތީ 0.07 ގެ ފަރަގެކެވެ. އެއާއި އެކު އޯޕެން މެންސްގައި ވާދަކުރި ހުރިހާ ސާފަރުންނަށް ވަނީ މުބާރާތް ނިމިފަ އެވެ.

ޖޫނިއާ ރައުންޑް 3 ގެ 2 ވަނަ ހީޓުގައި ވާދަކޮށް ކައި ވަނީ 6.73 ގެ ސްކޯއަކުން ހީޓުގެ 2 ވަނަ ހޯދާ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. މި ރައުންޑުގެ ފަހު ހީޓުގައި ޔައްތި ވަނީ 9.30 ގެ ސްކޯއަކުން ހީޓު ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފަ އެވެ.

މިއީ ޔައްތި އޭޝިއަން ސާފިންގް މުބާރާތެއްގެ ކުއާޓާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ކައި ވަނީ މިދިޔަ އަހަރު ރާއްޖޭގަ ބޭއްވި މި މުބާރާތުގެ ޖޫނިއާ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ހީޓުތައް މާދަމާ ކުރިޔަށް ދާނެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0