ވަރުގަދަ ސްކޮޑަކާއި އެކު 6 އަހަރު ފަހުން ނިއު ފުރަތަމަ ޑިވިޝަނަށް

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެކަމަށް ބެލެވެން ފަށައިފިއެވެ.
އެންމެ ފަހުން ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލް ކުޅުނު ނިއު އަށް ފުރަތަމަ ޑިވިޝަންގެ ފުރުސަތު ލިބެނީ މިހާރު ފުރަތަމަ ޑިވިޝަންގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލީގު ކުޅެން އުޒުރުވެރިވެ ނަން ނެގުމުންނެވެ. އެންމެ ފަހުން ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލް ކުޅުނު ދެ ޓީމުގެ ތެރެއިން ބައިކޮޅަށް އެންމެ މަދުން ގޯލް ވަދެފައިވަނީ ނިއުރޭޑިއަންޓް ކޮޅަށް ކަމަށް ވާތީ ދެން ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބެނީ ނިއު އަށް ކަމަށް ބެލެވެއެވެ. އެފްއޭއެމްގެ އެކްސްކޯއިން މިކަން ނިންމުމުން ނިއުގެ މެނޭޖްމަންޓުން މިކަން އިއުލާން ކުރަން މިރޭ ކުލަގަދަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ފުރަތަަމަ ޑިވިޝަނުން ޖާގަ ލިބޭނެކަން ޔަގީންވާތީ ނިއުއިން އަންނަނީ ޓީމް ވަރުގަދަކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން އެޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމްގެ މަގާމްގައި ހުރި ކާމިޔާބު ކޯޗު އަލީ ސުޒޭންއެވެ. ނިއުއިން މިކަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ނިއުގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާކަމަށް ސުޒޭންވަނީ ކަށަވަރުކޮށްދީފައެވެ.
ކޯޗަކަށް ސުޒޭން ހަމަޖެއްސުމުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ކުޅުންތެރިންގެ ސޮއިވެސް އެކުލަބުން އަންނަނީ ހޯދަމުންނެވެ. "ވިރާސީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން އެ ޓީމަށް ކުޅުނު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު އަށް ސޮއި ކޮށްފަ އެވެ. އަދި ޤައުމީ ޓީމާއި މާޒިޔާގެ މިޑްފިލްޑަރ މުޙައްމަދު އިރުފާން (އިރޭ) އާއި މާޒިޔާގެ ރާއިފް އަހުމަދު (ހަންނަ) ވެސްވަނީ ނިއުއާ ގުޅިފައެވެ. މި ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ގިނަ ޓިމްތަކަށް ކުޅެފައިވާ މުހައްމަދު ނިޒާމް (ޕީކޭ) އަދި ސަސްގެ ފަހަތުން ފާހަގަކޮށްލެވުނު އަހުނަފް ރަޝީދު (އަހުއްކޮ) ވެސް ނިއުއަށް ކުޅެންވަނީ އެއްބަސްވެފަ އެވެ.
ފުރަތަމަ ޑިވިޝަނަށް އެނބުރިއަރުން ފާހަގަކުރުމަށް މިރޭ ނިއު އިން ބާއްވާ ހާއްސަ ހަފްލާގައި އެ ޓީމާ ގުޅުނު ކުޅުންތެރިން ތައާރަފްކޮށް، ރަސްމީކޮށް ފުރަތަމަ ޑިވިޝަން ކުޅޭނެކަން ނިއުއިން އިއުލާން ކުރާނެކަމަށް މައުލޫމާތު ލިބެއެވެ.
ރިއެކްޓް



