ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ނޭޕާލުގައި ސޯޝަލް މީޑިއާ އެޕްތައް މަނާކުރުމާ ގުޅިގެން ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެޤައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި އިސްތިއުފާ އައިސްފައިވަނީ ޤައުމުގައި ހިނގަމުންދާ އިހުތިޖާޖުތައް އިތުރަށް ގޯސްވެ، މުޒާހަރާގެ ސަބަބުން މިހާތަނަށް 19 މީހުން މަރުވުމާ ގުޅިގެންނެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މުޒާހަރާތައް ފެށުނީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށެވެ. ނަމަވެސް މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ މިދިޔަ ހުކުރު ދުވަހު ސަރުކާރުން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް (ކުރީގެ ޓްވިޓާ) ފަދަ އެޕްލިކޭޝަންތައް ބްލޮކްކުރުމާ ގުޅިގެންނެވެ. ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ, އެތައް ތަނެއްގައި ރޯކޮށް, ސަރުކާރުގެ އިސްވެރިންގެ ސަލާމަތަށް ނުރައްކާާވެފައި ވަނިކޮށް އެ ޤައުމުގެ ސަރުކާރުން ވަނީ ސޯޝަލްމީޑިއާ އެޕްތައް މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ގެނެސްފައެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ވަނީ ފެންބަޑި ފަދަ ތަކެތި ބޭނުންކޮށްފައެވެ. އެހެންނަމަވެސް މުޒާހަރާކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވެއެވެ.
މުޒާހަރާތަކުގެ ހަލަބޮލިކަން އިތުރުވުމާ ގުޅިގެން ކަތުމަންޑޫގެ ބައެއް ސަރަހައްދުތަކުގައި ވަނީ ކަރްފިއު އިއުލާން ކުރެވިފައެވެ. އަދި މުޒާހަރާގެ ބައިވެރިން ޕާލަމެންޓް އިމާރާތަށް ވަދެ، ފުލުހުންނާ ކުރިމަތިލާފައިވާކަން ފާހަގަކުރެވެއެވެ.
ބޮޑުވަޒީރުގެ އިސްތިއުފާއާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ނޭޕާލުގެ ރައީސްގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ. އަދި ޤައުމުގެ ހަމަޖެހުން ގާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ރިއެކްޓް



