ޚަބަރު

މީޑިއާ ބިލުގެ މަސައްކަތް ސިއްރު, ނޫސްވެރިން ގަދަކަމުން ނެރެފި

ސެޕްޓެމްބަރު 10, 2025 - 12:51
ސެޕްޓެމްބަރު 10, 2025 - 12:56
 0
މީޑިއާ ބިލުގެ މަސައްކަތް ސިއްރު, ނޫސްވެރިން  ގަދަކަމުން ނެރެފި
މިއަދުގެ ކޮމިޓީއަށް ހާޒިރުވި ނޫސްވެރިން ގަދަކަމުން ކޮމިޓީއިން ނެރެނީ--

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު ވެސް ސިއްރުކުރުމަށް ފަހު, ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިން ނެރެފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅި ބިލުގައި މިހާރު ކުރިއަށް ގެންދަނީ އާންމުން ހުށަހަލާފައިވާ ހިޔާލުތައް ދިރާސާކުރުމެވެ. 

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. އިއްޔެ ވެސް ކޮމިޓީ ސިއްރު ކުރީ އެގޮތަށް ފާސްކޮށްގެންނެވެ.

މިއަދުގެ ކޮމިޓީގައި ކޮމިޓީއަށް ހާޒިރުވި ނޫސްވެރިން ވަނީ ކޮމިޓީ ސިއްރު ކުރަނީ ކޮން ގަވައިދަކާ ހަވާލާދީތޯ ސުވާލުކޮށްފަ އެވެ. ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދިނުމެއް ނެތި, ނޫސްވެރިން ކޮމިޓީ ރޫމުން ނެރެފައިވަނީ މަޖިލީހުގެ ސެކިއުރިޓީއިންނެވެ. 

ނޫސްވެރިން ގަދަކަމުން ނެރުމާއެކު އެ ނޫސްވެރިންގެ މިއަދު ވެސް ވަނީ މަޖިލިސް އިދާރާގެ ބޭރުގައި އިޖުތިޖާޖު ފަށައިފަ އެވެ. 

މި ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ދައުރުން ބޭރު ޖަލްސާއެއްގައި މަޖިލީހުން ވަނީ މި ބިލު ބަލައިގަނެފައެވެ.

ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު, ބެލެވޭ ގޮތުގައި މި ބިލު ފާސްކޮށް އެ ދުވަހުގެ ޖަލްސާގެ ކުރިން ތަޅުމަށް ހުށަހަޅާނެ އެވެ. ކޮމިޓިން ނިންމާފައި އޮތީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު ފާސްކުރުމަށެވެ. 

ބިލު ފާސްކުރުމާމެދު ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށްފަހު ކަމަށް ކުރިން ބުނި ނަމަވެސް, ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ކުރިން ތާވަލުކޮށްފައިވާ ބައްދަލުވުންތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ހަމަޖެހިފައިވާ ބައްދަލުވުންތައް ހިމެނެއެވެ.

ބިލާ މެދު ހިޔާލުހޯދުމަށް މީޑިއާތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވި 22 މީޑިއާގެ ތެރެއިން 21 މީޑިއާއިން ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ އިތުރުން މީޑިއާ ރެގިއުލޭޓަރީ ބޮޑީތައް ކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ މި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް, ބިލު ފާސްނުކުރަން ގޮވާލައިފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0