ޚަބަރު

މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ތިން ގެއެއްގެ ފުރާޅު އެއްލާލައިފި

ސެޕްޓެމްބަރު 8, 2025 - 11:51
 0
މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ތިން ގެއެއްގެ ފުރާޅު އެއްލާލައިފި
ފޮޓޯ: ސޯޝަލްމީީޑިއާ

މިއަދު ހެނދުނު އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާގައި ރަށުގެ ހިނަވާގެއާއި މީހުން ދިރިއުޅޭ ތިން ގެއެއްގެ ފުރާޅު އެއްލާލައި، އަދި ބައެއް ގޭގޭގެ ވަށާފާރު ވެއްޓިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، މި ހާދިސާގައި ރަށަށް ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު މިހާރު ވަނީ އެއްކުރަން ފަށާފައެވެ. އަދި ގެއްލުމުގެ ފުރިހަމަ ތަފްޞީލު އެނގޭނީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމުމުންނެވެ.

ނަގޫރޯޅީގެ ސަބަބުން ރަށުގެ ހިނަވާގޭގެ ފުރާޅު މުޅިން އެއްލާލާފައިވާއިރު، މީހުން ދިރިއުޅޭ ތިން ގެއެއްގެ ފުރާޅަށް ވެސް ބޮޑެތި ގެއްލުންތައް ލިބި ފުރާޅު އެއްލާލާފައިވާކަން ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން ބައެއް ގޭގޭގެ ވަށާފާރުގެ ބައިތައް ވެއްޓިފައިވާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ރަށަށް ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވާކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0