ހައުސިންގް ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ނުލިބި ލަސްވުމުން ތުޅާދޫގައި މުޒާހަރާ ކުރަނީ

މިދިޔަ ސަރުކާރުގައި ތުޅާދޫގައި އެޅި ހައުސިންގް ޔުނިޓްތަށް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ނުލިބި ލަސްވުމުގެ ސަބަބުން ތުޅާދީ ރައްޔިތުން އެ ރަށު ކައުންސިލް އިދާރާގައި މުޒާހަރާ ކުރަން ފަށައިިފި އެވެ.
ތުޅާދޫ އިން 'ވިރާސީ' އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިއަދު ހެނދުނު 7:30 ހާއިރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ކައުންސިލް އިދާރާތެރޭގައި މުޒާހަރާ ކުރަން ފެށީ ދާއިމީ ލިސްޓް މިއަދު ހާމަ ކުރާނެ ކަމަށް ބުނެ އަދިވެސް އެ ކަމަށް ކައުންސިލުން ގޮތެއް ނުނިންމައިގެން ކަމަށެވެ.
ދާއިމީ ލިސްޓް ޔަގީން ކުރަން އިއްޔެ ކައުންސިލްގެ ޖަލްސާ ބާއްވަން އެޖެންޑާކޮށް ޖަލްސާ ނުބޭއްވި ދިގުދަންމާލައިން ގޮސް، ރޭ ވަރަށް ލަސްވި ފަހުން ޖަލްސާ ބާއްވާފައި ލިސްޓާއި މެދު ވަކި ގޮތެއް ނުނިމޭ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ފަރާތުން ވަނީ ބުނެފަ އެވެ.
"ވަގުތީ ލިސްޓުވެސް ނެރުނީ އެ ތަންތާނުގެ މަސައްކަތް ނިމުނުތާ ދެ އަހަރު ފަހުން، ހަމަ ގަސްތުގަ ކައުންސިލުން ބޭނުންވާ ވަކި އުސޫލަކަށް ދޭންވެގެން ލަސްކުރަނީ." ތުޅާދޫއިން 'ވިރާސީ' އާއި ވާހަކަ ދައްކަމުން އެ ރަށު ރައްޔިތަކު ބުނީ އެ ތަންތަން މިހާރު އެ ދަނީ ވީރާނާ ވަމުން ކަމަށާއި ކޮންމެވެސް ބަޔަކަށް އެ ގެތަށް ދިނުމަށް ގޮވާލާކަމަށެވެ.
ތުޅާދޫ ކައުންސިލްގެ މެމްބަރު އަހުމަދު އާދިލް 'ވިރާސީ' އަށް މައުލޫމާތު ދިން ގޮތުގައި ވިލަރެސް ކުރާ ކޮމިޓީއިން ފޮނުވާފައި އޮތް ލިސްޓް ކައުންސިލުން ފާސް ނުވެގެން އުޅެނީ ކައުންސިލްގެ 7 މެމްބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުން ހުރީމަކަށެވެ. ނަމަވެސް މިހާރު ވަނީ ކައުންސިލްގެ އިތުރު ޖަލްސާއެއް ބާއްވަން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭގެ ލަފައަކަށް އެދިފަ ކަމަށެވެ.
ގާނޫނު ބުނާ ގޮތުން ކައުންސިލް ޖަލްސާއަކަށް ފަހު އަނެއް ޖަލްސާ ބޭއްވޭނީ 48 ގަޑި އިރު ފަހުންނެވެ.
މިދިޔަ ސަރުކާރުގައި ތުޅާދޫގައި ވަނީ 100 ހައުސިންގް ޔުނިޓް އަޅާ ނިންމާފަ އެވެ.
ރިއެކްޓް



