މިރޭގެ ހަނދުކޭތަ ރާއްޖެއަށް ސާފުކޮށް ފެންނާނެ

މިރޭ އިރާކޮޅު ދުނިޔޭގެ އެކި ހިސާބުތަކަށް ހަނދުކޭތަ ހިފާއިރު، ރާއްޖެއަށް މި 'ބްލަޑް މޫން' ސާފުކޮށް ފެންނަ ވަރަށް އުޑުމަތި ސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މިރޭ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދު ރާއްޖެތެރޭގެ ހިސާބުތަކަށް އުޑުމަތި ސާފުވެ، ވިލާ މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މިރެޔަކީ ތާރީޚީ ގޮތުން ވަރަށް ޚާއްޞަ ރެޔެކެވެ. މުޅި އޭޝިއާ، ޔޫރަޕް އަދި އެފްރިކާ ސަރަހައްދަށް ފުރިހަމަ ހަނދުކޭތައަކާއެކު "ބްލަޑް މޫން" އެއް ފެންނާނެ ރެޔެކެވެ. އިރާއި ދުނިޔެ އަދި ހަނދު އޮލަނބުވެ، ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާއިރު، ބައެއް ހިސާބުތަކަށް ލޭ ކުލައިން ހަނދު ފެނިގެންދާނެއެވެ.
ރާއްޖެއަށް ހަނދުކޭތަ ހިފަން ފަށާނީ މިރޭ 8:28 ގައެވެ. ކޭތަ ފުރިހަމަވެ ހަނދު އެއްކޮށް ގެއްލޭނީ 10:30 ގައެވެ. ފުރިހަމަ ކޭތަ ނިމޭނީ އެއް ގަޑިއިރާއި 22 މިނެޓް ފަހުން 11:52 ގައެވެ. އަދި ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދުކުރުމަށް އަންގާފައެވެ. މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 11:12 ގައި، ކޮންމެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައެވެ.
ރިއެކްޓް



