އުމްރާވެރިން ހާލުގައި ޖެއްސި ގުރޫޕުގެ ވެރިޔާ 3 އަހަރަށް ޖަލަށް

މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާއަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެ ގްރޫޕުގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ 53 މީހުންގެ ތެރެއިން، އޭސް ޓްރެވެލްސް އަދި އޭސް އޭވިއޭޝަން އިން ނެގި 50 ޓިކެޓަށް ވާ ފައިސާއަށް ދިން ޗެކް ބައުންސްވި އެވެ.
އެ މައްސަލަ މިދިޔަ އޭޕްރިލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ ގުރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ދައުލަތުން އުފުލީ މަނީ ލޯންޑައިން އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ.
އޭނާ އެ ދައުވާތަކަށް އިންކާރު ކުރިނަމަވެސް, އެ ކުށް އޭނާގެ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ކުށުގެ އަދަބެއްގެ ގޮތުގައި ފާރިޝް ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލައި, މި މައްސަލާގައި އޭސް ޓްރެވެލްސް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 406،321ރ. އެ ކުންފުންޏަށް ދެ އަހަރުގެ ތެރޭގައި ދެއްކުމަށެވެ.
މްޝްއަރު ޓުއާ ގުރޫޕަކީ މީގެ ކުރިން ހައްޖަށް މީހުން ގެންދިއުމުގެ މައްސަލަ ދިމާވެ, ހުއްދަ ބާތިލްކޮށްފައިވާ ގްރޫޕެއް ކަމަށްވާ އަލް-މަޝްއަރު ހައްޖު އެންޑް އުމްރާ ވެސް ހިންގާ "އަލް-މަޝްއަރު ޕްރައިވެޓް"ގެ ދަށުން އުފައްދާފައިވާ ޓްރެވަލް އެޖެންސީއެކެވެ.
ރިއެކްޓް



