ޚަބަރު

މަޖިލިސް ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރި މައްސަލަ ބަލަނީ

ސެޕްޓެމްބަރު 16, 2025 - 20:59
 0
މަޖިލިސް ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރި މައްސަލަ ބަލަނީ

މިނިވަން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކޮށް އަޑުގަދަކުރި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވައިފި އެވެ. 

އިއްޔެގެ ކޮމިޓީއަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން އަޑުއަހަން ވަތް އިރު, ކޮމިޓީ ހޫނުވީ ބިލަށް ވޯޓަށް އަހަން އުޅުނީ މަޖިލިސް ގަވައިދާ ހިލާފަށް ކަމަށް ބުނެ, ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވޯޓު ނެގުމަށް ދެކޮޅު ހެއްދެވުމުންނެވެ. އެ ވަގުތު ވޯޓަށް އެހިނަމަވެސް, މީކާއިލާއެކު އާންމުންނާއި ނޫސްވެރިން އަޑުގަދަ ކުރަން ފެށުމާއެކު ވޯޓަށް ހުރަސް އެޅި ކޮމިޓީ މެދުކަނޑާލަން ޖެހުނީ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ, އެ މައްސަލައާ ގުޅޭ ރިޕޯޓެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ފަރާތުން ލިބިފައިވާ ކަމަށެވެ. 

މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް އިޖުތިމާއީ އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާތީ އެ ކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން މަޖިލީހަށް ހާޒިރުވެ އަމަލުކުރާނެ އުސޫލަކާއި އަޅާނެ ފިޔަވަޅުތައް ބެލުމަށް މަޖިލީހުގެ އާންމު ކޮމިޓީ ފޮނުވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

"އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށާއި މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލުތައް [ކަނޑައެޅުމަށް]" ނާޒިމް ވިދާޅުވި އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0