ޚަބަރު

ވަޅިން ބިރުދައްކައި މީހަކު ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރު 7, 2025 - 14:05
 0
ވަޅިން ބިރުދައްކައި މީހަކު ބަރަހަނާކޮށް ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހެއްގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައި، ހުޅުމާލެ ފޭސް 1 އަށް ގެންގޮސް ވަޅިން ބިރުދައްކައިގެން ފޭރިގަތް ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ)އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ފޭސް 1 ގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓަކުންނެވެ.

އެޕާޓްމަންޓު ބަލައި ފާސްކުރުމުގައި ފުލުހުންނަށް ވަނީ 3 މޯބައިލްފޯނާއި، 3 އަތުކުރީގަޑިއާއި، ޑްރޯނަކާއި، ދޮށްޓަކާއި، 2 އަވިއައިނާއި، ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިގަނެފައިވާ ތަކެތި ކަމަށް ފުލުހުން ބެލެވެއެވެ. އަދި މީގެ އިތުރުން 6 ވަޅި ވެސް ވަނީ އެތަނުން ފެނިފައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި ދެމީހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިތުރު ދެމީހަކަށް ވެސް މިގޮތަށް ބިރުދައްކައި، އޮރިޔާންކޮށް، ވީޑިއޯކޮށް ފައިސާ ހޯދާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި މި ދެމީހުންގެ ފަރާތުން މިފަދަ އިތުރު އަނިޔާއެއް ލިބިފައިވާ ފަރާތްތައް ވާނަމަ، އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރައްވައެވެ. މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0