ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި

ސެޕްޓެމްބަރު 7, 2025 - 11:33
 0
ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ކޮމިޝަނަށް ޢައްޔަން ކުރެއްވި ބޭފުޅުންނަކީ މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް އާއި، ދަފްތަރު ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.

މި ތިން ބޭފުޅުން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ ޙަވާލުވުމުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި މެންބަރުކަމުގެ ހުވައި ކުރެއްވިއެވެ. ހުވައި ލައިދެއްވީވެސް ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަކީ ދިވެހި ސިވިލް ސަރވިސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0