މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި އަންހެންމީހާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

މިދިޔަ ޖުލައި މަހު މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރެވުނު ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އދ. ކުނބުރުދޫއަށް އުފަން، 31 އަހަރުގެ ޝިޔާޒާ އާއި އިތުރު ފިރިހެނަކު ހައްޔަރުކުރެވުނެވެ. ފުލުހުން ބުނި ގޮތުގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، ރަބަރު ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، މަސްތުވާތަކެތި ފެނިފައިވަނީ ސައިކަލު ފަހަތުގައި އިން ޝިޔާޒާގެ ދަބަހުންނެވެ. އަދި ދެ މީހުންގެ ކިބައިން ނެގުނު ސާމްޕަލްތައް ޓެސްޓްކުރުމުން ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ހިނގި ވަގުތުން ފެށިގެން ޝިޔާޒާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. އޭގެ ފަހުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށްފަހު، އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފައިވެއެވެ.
ފުލުހުންގެ މުވައްޒަފަކު މިފަދަ މައްސަލައެއްގައި ހައްޔަރުވުމަކީ ފުލުހުންގެ މުއައްސަސާގެ އިތުބާރަށް އަސަރުކުރާނެ ކަމެއް ކަމަށް ފާހަގަކުރެވެއެވެ. މި މައްސަލައިގައި ޝިޔާޒާގެ މައްޗަށް ދަޢުވާ ކުރެވޭނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



