ގޭންގު ކުށްތަކާބެހޭ ހަރުކަށި ގާނޫނުގެ ދަށުން 3 މީހަކު ހައްޔަރުކޮށްފި

ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން 3 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ މަޢުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މާލޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމްވެގެން ނުރައްކާތެރި ކުށްތައް ކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ހެންވޭރުން ފާހަގަކުރެވި، މި މަހުގެ 3 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) އެވެ. މި ތަން ބަލައި ފާސްކުރިއިރު އެތަނުން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށާއި، އިބްރާހީމް ޒައިދާނާއި މުޙައްމަދު ޝިދާދު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި އަމުރު ނެރެފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދެއެވެ.
ރިއެކްޓް



