މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ގެއްލިގެން އުޅޭ ޒުވާނެއް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ބ. ކެންދޫ / މަންޒިލް، ޝަހުމުﷲ ސާޖިދު (33 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ޝަހުމުﷲ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ އިއްޔެ ރޭ 11:00 ހާއިރު ވެލާގޭގައި ހުންނަ ކެފޭއެއްގައި އެކަނި ކޮފީ ބޯން އިންދާއެވެ.
ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން. pic.twitter.com/QQehzFYyXI — Maldives Police (@PoliceMv) September 5, 2025
އާއިލާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޝަހުމުﷲ ގެ ސައިކަލު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް ގޯޅިން ފެނިފައެވެ. އަދި އޭނާގެ ފޯނުގެ ލޮކޭޝަން ދައްކާފައިވަނީ ބ. ކެންދޫގައި ކަމަށް ފުލުހުން އާއިލާއަށް މަޢުލޫމާތު ދީފައިވެއެވެ.
އާއިލާގެ ފަރާތުން ހާމަކުރި ގޮތުގައި، ޝަހުމުﷲ އަކީ ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ ފަރާތެކެވެ. ދިރިއުޅުމުގައި ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން އޭނާ ދަނީ ޑިޕްރެޝަން ތަހައްމަލުކުރަމުންނެވެ.
ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޓް



