ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރު 4, 2025 - 12:25
 0
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭ ގެ އެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއި އެކު ދެ މީހަކު ހައްޔަރުކޮށްފި.

މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

 ފުލުހުން މަަޢުލޫމާތުދެއްވި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރީ ތިން މީހުންނެވެ. ނަމަވެސް ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. ކޯޓުން ބަންދުކުރަން އަމުރުކުރީ ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) އެވެ. މި ދެ މީހުންވެސް ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ.

މި ސެޕްޓެންބަރު މަހުގެ 2ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން އުޅޭ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި (ވަގުތީ ބަރުދަން، 304.73 ގުރާމް) ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0