ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ސަރުކާރުން ފަހިކޮށްދީފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ފަލަސްތީނުގެ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމާ ގުޅޭ އިންތިޒާމްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުޅިވަރުގެ ދާއިރާއިން ފަލަސްތީނަށް އެހީތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޤައުމީ ޓީމުތަކުން މިހާރު ތަމްރީނުތައް ކުރިއަށް ގެންދަނީ އެކި ޤައުމުތަކުގައެވެ. އެފްއޭއެމްގެ ފަރާތުން ހާމަކުރި ގޮތުގައި، ފަލަސްތީނުގެ ފުޓްބޯޅަ އިދާރާއިން ވަނީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތަށް އެދިފައެވެ. އެ އެދުމާ ގުޅިގެން އެފްއޭއެމުން ވަނީ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ފަށާފައެވެ.
ދިވެހިރާއްޖެއަކީ ފަލަސްތީނުގެ ހައްޤުގައި އެންމެ އަޑު ހަރުކޮށް ބައިނަލްއަަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންދާ ޤައުމަށް ވެފައި މި ފުރުސަތު ފަހިވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ރިއެކްޓް



