ގެއްލުނު ކޮލަމާ ބޯޓު އެކެފަރަ ސަރަހައްދުން ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު އެކެފަރު ސަރަހައްދުން ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ދެއްވި މައުލޫމާތުގައި، ބޯޓުގެ ކެޕްޓަނުގެ ހާލުދެރަވެގެން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، އެ ސަރަހައްދުގައި ފުލުހުންގެ އުޅަނދުތައް މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.
އަދި މި ބޯޓު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެގެ މެންދުރު 13:25 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިންގޮތުގައި، މި ބޯޓު ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ދަތުރުކުރީ ހުވަދު އަތޮޅަށެވެ. މާލެއިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ މި ބޯޓު ފުރި ފަހުން އެއްވެސް ޚަބަރެއް ނުވުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން ވަނީ މި ބޯޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 191 ނަންބަރަށް ގުޅައި އެންގުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



