ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިޢުލާނުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މީހާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ނުކުރެވިފައިވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
ފުލުހުން މިހާރު ހޯދަމުންދަނީ ސ. ހުޅުދޫ / އޮސްޓްރޭލިޔާ، އިބްރާހީމް ޢިބާދު (38އ) އެވެ. އޭނާ ހޯދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުނުވެ ހުރުމާ ގުޅިގެންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން އިބްރާހީމް ޢިބާދު ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަންގާފައެވެ.
ފުލުހުން ވަނީ އިބްރާހީމް ޢިބާދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އާންމުންގެ އެހީތެރިކަން އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރިއެކްޓް



