ބަނގުރާފުޅިތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 35 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ފަރާތަކީ އެމްޑީ ޖަހަންގިރު ހޮސައިން އެވެ.
މި މައްސަލައިގައި އެ ބިދޭސީމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ރަށުތެރޭގައި ޕެޓްރޯލް ކުރަމުންދަނިކޮށެވެ. ރީތިގަސްމަގުން ސައިކަލެއްގައި ދަތުރުކުރަމުންދިޔަ އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމުން، ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 9 ފުޅި ފެނިފައިވެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާއި އަދި އެނޫންވެސް މަނާތަކެތި ގެންގުޅޭ މައްސަލަތައް އިތުރުވަމުން އަންނަކަމަށް ފުލުހުން ފާހަގަކުރައްވައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
ރިއެކްޓް



