ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ

އޮގަސްޓް 30, 2025 - 13:37
 0
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ފަތިހު ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ.

އެމްޔޫ މަނިކު އަވަހާރަވެވަޑައިގެންނެވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅުކަމަށްވާ އެމްޔޫ މަނިކަކީ، ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލުކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑަރެކެވެ. ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންގެ ހައިސިއްޔަތުން، ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެ ތެރޭގައި ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުން ހިމެނެއެވެ.

އެމްޔޫ މަނިކުގެ ޚިދުމަތްތަކަށް ބަލާއިރު، 2013 ވަނަ އަހަރު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެވުނެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ދަތިތަކެއް ކުރިމަތިވާތީއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އެމްޔޫ މަނިކު ކުރެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި، 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

އެމްޔޫ މަނިކުގެ އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ފުން ހިތާމައާއި ހައިރާންކަން ފާޅުކޮށްފައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ބިނާކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0