އެމްޑީޕީ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުޅުވާލައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، މި އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ. އަދި ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މި މުއްދަތުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރަކަށް ވުމާއެކު، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން އެ ކޮމިޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެ އެވެ.
އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، އެކަމަށް ހާއްސަ ފޯމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރާ ފޯމު ހިމެނެއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަކީ ރާއްޖޭގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވޭ މުހިންމު އިންތިހާބެކެވެ.
ރިއެކްޓް



