ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ދެ ސައިކަލަކާއި އެޕާޓްމަންޓެއް ބަލައި ފާސްކުރެވުނެވެ. އަދި ބަލައި ފާސްކުރުމުގައި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން، މައްސަލައާ ގުޅިގެން ބަލައި ފާސްކުރެވުނު ދެ ސައިކަލް ވަނީ ޓޯކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ޑްރަގް އެންފޯސްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



