ޚަބަރު , ސިޔާސީ

ނޫސްވެރިން ޖެހޭނީ "އުލު ބައިންދަން": ޕީއެންސީ ޕީޖީ ލީޑަރު

އޮގަސްޓް 27, 2025 - 20:14
 0
ނޫސްވެރިން ޖެހޭނީ "އުލު ބައިންދަން": ޕީއެންސީ ޕީޖީ ލީޑަރު
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު -- ފޮޓޯ: ވިރާސީ

ނޫސްވެރިންނާއި މީޑިއާތައް ޖަލަށް ލާންވީ ނޫންކަމަށާއި "އުލު ބައިންދަންވީ" ކަމުގައި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މީޑިއާ ރެގިއުލޭޝަން ބިލަށް ވާހަކަ ދައްކަވަމުންނެވެ.

މީސްމީޑިއާގައި މީގެ ކުރިން ދައުރުވި ވީޑިއޯއެއްގައި ފަލާހުއާއި ވައްތަރު މީހެއް ފެންނަ ކަމަށް ތުހުމަތުކޮށް މީޑިއާތަކުގައި ދެކެވުނު ވާހަކަތަކާއި ގުޅުވައި ފަލާހު ވިދާޅުވީ އޭނާއަކީ ވެސް މީޑިއާގެ ސަބަބުން ނިކަމެތިކަމެއް ލިބިފައިވާ މީހެއް ކަމަށާއި އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް މީޑިއާތަކުން ސިފަކޮށްފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި. މީތޯ މީޑިއާ މަސައްކަތް ކުރާ ގޮތަކީ. އިއްޒަތްތެރި ރައީސް. މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ." ފަލާހު އަޑަށް ބާރުލާފައި ވިދާޅުވިއެވެ.

އުލު ބޭންދުމަކީ ކުރީ ޒަމާނުގައި ބޮޑެތި ކުށްތައް ސާބިތުވެ މަރަން ހުކުމް ކުރެވޭ މީހުން މެރުމަށް ހަދާ ގޮތެކެވެ. މި ގޮތަށް މީހުން މެރުމަކީ މިހާރު ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޢަމަލުކުރާ ގޮތެއް ނޫނެވެ. އަދި އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުންވެސް ވަނީ މިއީ "ލާއިންސާނީ އަނިޔާއެއް" ކަމަށް ނިންމާފައެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު މިފަދައިން ވިދާޅުވުމުންވެސް ޕީއެންސީން އަދި އެ ޕާޓީއަށް ނިސްބަތްވާ އެއްވެސް މަޖިލިސް މެންބަރަކު މިކަން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި "އުލު ބައިންދަންވީ" އޭ މެންބަރު ފަލާހު ބުނުމުން މަޖިލިސް ތަޅުމުގައި އެވަގުތު ތިބި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ފަލާހުގެ ވާހަކަފުޅަށް ސަޕޯޓުކޮށް ހަޅޭއްލަވައި ހެދިއެވެ.

މެންބަރު ފަލާހު މި އިބާރާތުން ވާހަކަފުޅު ދައްކަވާފައިވަނީ މަޖިލިހުގެ މެންބަރުންނަށް މިފަދަ ވާހަކަދެއްކުމުގެ "އިމްތިޔާޒު" ލިބިގެންވާކަމަށް ޤަބޫލުކުރެވޭތީ ކަމަށް ބެލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤާވާއިދު ބުނާ ގޮތުން އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ނުވާގޮތަށް މެންބަރުން ދައްކާ ވާހަކަތަކަށް ޖިނާޢީ ދަޢުވާ ނުކުރެވޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0