ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް މަގުސޫމަށް މަޖިލީހުން ރުހުން ދީފި

އޮގަސްޓް 27, 2025 - 16:52
 0
އެޗްއާރުސީއެމްގެ މެންބަރުކަމަށް މަގުސޫމަށް މަޖިލީހުން ރުހުން ދީފި

ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ސ. ހުޅުދޫ، ސީބްރީޒް، އަހުމަދު މަގުސޫމް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މަގާމަށް މަގުސޫމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ، ޖަލްސާގައި ބައިވެރިވެ ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ހަމަވާތީ، މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ނަންތަކެއް ހުށަހަޅުއްވާފައެވެ. މުއްދަތު ހަމަވާ މެންބަރުންނަކީ އެޗްއާރުސީއެމްގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު ޢަބްދުއްރައްޒާގްއެވެ.

މި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް މުޙައްމަދު ޝަފީގު މަހުމޫދު އައްޔަން ކުރެއްވުމަށް މަޖިލީހުން ކުރިން ވަނީ ރުހުން ދީފައެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ފޮނުއްވެވި ދެ ނަމުގެ ތެރެއިން އަނެއް ބޭފުޅެއްގެ ނަން ފާސްނުވުމާ ގުޅިގެން، އިތުރު ނަންތަކެއް ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.

ދެވަނަ ފަހަރަށް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި އަހުމަދު މަގުސޫމާއި އަމީރާ ނައީމް އަދި އަލްއުސްތާޒާ ފާތިމަތު ނަފްއަތު އަބްދުލްވައްހާބް ހިމެނެއެވެ. މި ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ތިން ބޭފުޅުންވެސް މަގާމަށް ޝަރުތު ހަމަވާކަމަށް ނިންމާފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން ރުހުން ލިބިފައިވަނީ ހަމައެކަނި މަގުސޫމްގެ ނަމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުން އައްޔަން ކުރެވެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0