ޚަބަރު

ސްކޭމްކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލި މީހަކު ހައްޔަރުކޮށްފި

އޮގަސްޓް 27, 2025 - 12:08
 0
ސްކޭމްކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލި މީހަކު ހައްޔަރުކޮށްފި

މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ.

އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިހާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހިތަދޫންނެވެ. މި އޮޕަރޭޝަނަކީ، އެންޓި-ސްކޭމް ސެންޓަރަށް އެކި ދުވަސްމަތިން ހުށަހެޅިފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް ވަނީ މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަދައްކައި، މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އެ ފަރާތުގެ އަތުން ހޯދާފައެވެ.

ފުލުހުންގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، ޝިހާން ޝިޔާމް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކުގައި އޭނާގެ އެކައުންޓުގައި 380،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާއިރު، މައްސަލަތަކުގެ ޖުމްލަ އަދަދު މިލިއަނަކަށް އަރާނެކަމަށް ތަހުގީގުތަކުން ދައްކައެވެ.

މި މައްސަލައާ ގުޅިގެން ޝިހާން ޝިޔާމް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0