މަކުނުދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
އެއާޕޯޓު މަޝްރޫޢުގައި ސޮއި ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަކުނުދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން ރަށުގެ ބޭނުމަށް 22 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއާޕޯޓް ނިމުމުން އެތަން އޮޕަރޭޓްކުރާނީ އެމްއޭސީއެލް އިންނެވެ.
މީގެއިތުރުން މިއަދު ވަނީ މަކުނުދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ވެސް މިއަދު ވަނީ ފައްޓާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާނެވެ.
މަކުނުދޫގައި މިއަދު ވަނީ ފިޓްނެސް ސެންޓަރު، ޕޮލިސް ސްޓޭޝަން އަދި ހެލްތު ސެންޓަރުގެ ބިންގާ އަޅައިފައެވެ. ފިޓްނެސް ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ.
މި ހުރިހާ މަޝްރޫއުތަކަކީވެސް ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށް ވާއިރު، މި މަޝްރޫއުތައް ނިމުމުން މަކުނުދޫގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރިއެކްޓް



