ޚަބަރު

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ: ފުލުހުން

އޮގަސްޓް 26, 2025 - 10:45
 0
މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ: ފުލުހުން
ފޮޓޯ: ވިރާސީ

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ކަންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި މަރުވެފައި އޮއްވައި ފެނުނު ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑެއް ކަމަށާއި، ނަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވެއެވެ. އަދި ހަށިގަނޑު ފެނުނު އިރު ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާއި، އެއީ ކާކުކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ބެލެވުނު ނަމަވެސް، އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ރާއްޖޭގެ ކޮން ކުންފުންޏެއްގައި މަސައްކަތްކުރި މީހެއްކަން ފުލުހުން ވަނީ ހާމަކޮށްފައި ނުވެއެވެ.

ހަށިގަނޑު ފެނުނު ވޯޓާ ތީމް ޕާކަކީ 2017 ވަނަ އަހަރު ވޯޓާ ފްރަންޓް އެންޑް ލެޝާއާ ހަވާލުކުރެވުނު ސަރަހައްދެކެވެ. ނަމަވެސް އެތަނުގައި އިމާރާތްތަކެއް ހެދުމަށްފަހު، މިހާރު ވަނީ އެ ސަރަހައްދު ވީރާނާވުމަށް ދޫކޮށްލާފައެވެ.

އޮގަސްޓް 2022 ގައި އެޗްޑީސީން މި ތަނުގެ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް އެންގި ނަމަވެސް، ވޯޓާ ފްރަންޓް އެންޑް ލެޝާއިން އެ މައްސަލަ ކޯޓަށް ވެއްދުމުން އެތަން ހަވާލުކުރުން ވަނީ ސެޕްޓެމްބަރު 2022 ގައި ހައިކޯޓުން ހުއްޓުވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0