ޚަބަރު

ހަނިމާދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

އޮގަސްޓް 25, 2025 - 10:06
 0
ހަނިމާދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫގައި އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން، ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަންގެ ހާއްސަ ބައިވެރިވުމާއެކުގައެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓް މިނިސްޓަރުން ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް އަމާޒު ހިފާފައެވެ.

މި ސިޔާސަތުގެ ދަށުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި އަދި ޕޮލިސް ޑެސްކުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ. މިއީ ރާއްޖޭގައި ކުށްކުރުން މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެކެވެ.

ސަރުކާރުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު މާރާމާރީގެ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދީ، މި ކަންކަމަށް ހައްލު ހޯދުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރިއަށް ގެންދަވާފައެވެ. ހަނިމާދޫގައި މި އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒަކީ މި މަސައްކަތުގައި އިތުރު ކުރިއެރުމެއް ގެނެސްދޭނެ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0