ޚަބަރު

ފިނޭ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށައިފި

އޮގަސްޓް 24, 2025 - 20:50
 0
ފިނޭ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފަށައިފި

ފިނޭގައި އަލަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް މިރޭ ވަނީ ފަށައިފައެވެ.

މި މަސައްކަތް ފަށައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު އިހުސާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

2.2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، 1,600 އަކަފޫޓުގެ ސަރަހައްދެއްގައި އަޅާ މި ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމްކުރެވޭނެއެވެ.

623 މީހުންގެ އާބާދީއެއް ދިރިއުޅޭ ފިނޭގައި މި ޕޯސްޓް ޤާއިމްކުރެވެނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންތެރި ސިޔާސަތުގެ ދަށުންނެވެ. އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ޚިދުމަތް ޤާއިމްވެފައިވާ ރަށަކަށް ހެދުމެވެ.

ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި، ޕޮލިސް ޑެސްކުތައް ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0