ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާއިރު ގޯއްޗަކަށް ގޯއްޗެއް ދޭނެ: ރައީސް

އޮގަސްޓް 24, 2025 - 18:25
 0
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާއިރު ގޯއްޗަކަށް ގޯއްޗެއް ދޭނެ: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދޭއިރު، ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގޯއްޗެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމުގައިވާ ހިރިމަރަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫގައި ދާއިމީ ގެދޮރިވެރިކަމާއި، ޢުމްރާނީ ވަސީލަތް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން، ހުރިހާ ރައްޔިތުންނަށް، ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

589 މީހުންގެ އާބާދީއެއް އޮތް ހިރިމަރަދޫގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 200 އެއްހާ މީހުންނެވެ. އެކި ސަބަބުތަކާ ގުޅިގެން ގިނަ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކޮށްފައިވާއިރު، ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ ޢުމުރުގެ އާބާދީ ވަނީ އިތުރުވެފައެވެ.

"ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައިދިނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއީ މި ސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރަތަމަ މަޝްރޫޢުކަން ފާހަގަކުރެއްވި ރައީސް، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާކަން ހާމަކުރެއްވިއެވެ. އަދި ކުރިން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔަ ގޮތާ ޚިލާފަށް، ހިރިމަރަދޫ ރައްޔިތުންނަށް އެމީހުންގެ އުފަން ރަށުން ލިބޭ އިޤްތިޞާދީ މަންފާއިން ފައިދާވާނެ ގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެ ކަމަށާއި، އާބާދީ ކުޑަ ރަށްރަށުގެ ރައްޔިތުންނަށްވެސް ބޮޑެތި ރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަކަމާއެކު މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0