ފޯޖްކޮށްފައިވާ ސެޓްފިކެޓް ހުށަހެޅުން އިތުުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާއިރު، ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަތައް އިތުރުވެފައިވާތީ، ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުން މިކަމާމެދު ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިކަމާ ގުޅޭގޮތުން ފާހަގަކުރެއްވި ގޮތުގައި، ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ހުށަހަޅާއިރު، ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް އެ އިދާރާއަށް ހުށަހެޅޭ މިންވަރު ވަނީ މަތިވެފައެވެ. މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމުގައި ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
#MPSPressStatement: 171-A(C1)/PS/2025/14 - Sahhanoon academic certificate beynunkurumuge massalathah hushahelhey minvaru ithuruvumaa gulhey https://t.co/BD0UpvWsBS#MPSNoosBayaan pic.twitter.com/a2vg4rn0qE
— Maldives Police (@PoliceMv) August 24, 2025
މި މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މައްސަލަތައް މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ފުލުހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، ވަޒީފާދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސައްހަނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރުކޮށް، އެފަދަ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.
ރިއެކްޓް



