ހދ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަންނަވައިފި

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިފިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށެވެ. އެގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އަދި މީގެ އިތުރުން ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަވައި، ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



