ޚަބަރު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

އޮގަސްޓް 24, 2025 - 14:10
 0
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

މި ޝަރަފު އެރުވުނީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމު ރައްޔިތުން އަދާކޮށްފައިވާ އިސް ދައުރަށް ރިޢާޔަތްކޮށް، އެކަމަށް ދެއްވާފައިވާ އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނެވެ.

އުތީމު ގަނޑުވަރަކީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ އާއިލީ މައިފުނަގެއެވެ. މި ގަނޑުވަރަކީ 500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ޤައުމީ ތަރިކައެކެވެ. އުތީމު ރައްޔިތުން ވަނީ މި ގަނޑުވަރު ބެލެހެއްޓުމުގައި ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.

އުތީމު ރައްޔިތުން ގަނޑުވަރަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެއެވެ. ގަނޑުވަރުގެ އެތެރެ އަބަދުވެސް އޮންނަނީ ހިމުން ދޮންވެލި ލައިފައެވެ. މި ވެލި ލަނީ ގޮނޑުދޮށުން ގެނެސް، ވަރަށް ފަރުވާތެރިކަމާއެކު ސާފުކޮށްގެންނެވެ. ބޭރު ގޯތިތެރެ އޮންނަނީ ސާފު ކަށިވެލި ލައިފައެވެ.

"ގަނޑުވަރު ސަރަހައްދު ކުނިކަހަނީ އުތީމު ރައްޔިތު އަންހެނުންނެވެ. ކުނިކެހުން ނިންމާލަނީ ފަހަތަށް ފަހަތަށް ކުނިކަހަމުން އައިސް، އެއްވެސް ފިޔަވަޅެއްގެ އަސަރުވެސް އެ ސަރަހައްދުގައި ނުހުންނަ ގޮތަށެވެ."

މިހާރު ގަނޑުވަރު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. ސަރުކާރުން މުސާރަދެއްވާ ޚާދިމަކާއި މަސައްކަތު މީހުން މެދުވެރިކޮށް ގަނޑުވަރުގެ މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ. އަދި ތަން ބެލެހެއްޓުމަށް އިތުރު ވަސީލަތްތަކާއި މާލީ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0