ޚަބަރު

ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

އޮގަސްޓް 23, 2025 - 14:16
 0
ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުމަކީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރައްވާފައިވާ އިސް ދައުރަށް ސަރުކާރުން ދެއްވާ ޚާއްޞަ އަގުވަޒަންކުރުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން އިޢުލާންކުރައްވަމުން ވިދާޅުވި ގޮތުގައި، މި ޝަރަފު އެރުވުމަށް ނިންމެވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމު ރައްޔިތުން ދެއްވާފައިވާ އަހައްމިއްޔަތާއި، ގަނޑުވަރަށް 500 އަހަރު ފުރުން ހިމެނެއެވެ.

މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު 10:00 ގައި ހއ. އުތީމުގައި ބޭއްވޭ ޚާއްޞަ ޖަލްސާގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް އޮންނާނެއެވެ.

މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅުންނަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވޭނީ އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން ހޮއްވެވި ފަރާތްތަކަށް، ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް އެރުވޭނެއެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެއް އެރުވޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0