ޚަބަރު

އަބްދުއްރަހްމާނުގެ މަރު: ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދު

އޮގަސްޓް 22, 2025 - 09:02
 0
އަބްދުއްރަހްމާނުގެ މަރު: ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދު

އއ. މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން ޒުވާނުންގެ ތެރެއިން ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާޅޮހު ލިލީފެހި، މުހައްމަދު ވިޝާމް (22 އަހަރު)، މާޅޮހު ފިނިވާގެ، އަހުމަދު ފާރިސް (27 އަހަރު) އަދި މާޅޮހު ފިޔަ، އަހުމަދު އާޝިދު (27 އަހަރު) އެވެ. މީގެ ތެރެއިން ވިޝާމް އާއި ފާރިސްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އާޝިދުގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ. އޭނާ ބަންދުކޮށްފައިވަނީ މާލޭގައެވެ.

ފާރިސްއަކީ މާޅޮހުގެ ސްޓެލްކޯގައި ވަޒީފާ އަދާ ކުރާ މީހެކެވެ. އަދި ވިޝާމް އަކީ މާޅޮހު ޔޫތު ސެންޓަރަށް އައްޔަނުކޮށްފައި ހުންނަ ޔޫތު އެސޯސިއޭޓް ކަމަށް މަޢުލޫމާތު ލިބެއެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމް މަރާލާފައިވަނީ މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން ފަރާތް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ދަންވަރުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި 4 މީހަކު ހައްޔަރުކުރުމަށް ކޯޓު އަމުރު ނަގާފައިވާކަމަށް "ވިރާސީ" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް ހަތަރުވަނަ މީހާ އަކީ ކާކު ކަމެއް އަދި އެމީހާ ހައްޔަރުކުރިކަމުގެ މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0