އަބްދުއްރަހްމާނުގެ މަރު: ހައްޔަރުކުރީ އާއިލާއިން ޝައްކުކުރި މީހުން

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ތިން މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާއިރު މި ތިން މީހުންނަކީވެސް އާއިލާއިން މިކަމުގައި ތުހުމަތުކުރި މީހުންނެވެ.
އަބްދުއްރަހްމާނުގެ މަރާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު "ވިރާސީ" އަށް މަޢުލޫމާތު ދިން އާއިލާގެ މީހަކު ވަނީ މި ތިން މީހުން އަބްދުއްރަހްމާނު މަރާލުމުގައި ޝާމިލުވާކަމަށް ޔަޤީންވާކަމަށް ބުނެފައެވެ. އަދި އެ މަޢުލޫމާތުތައް ފުލުހުންނާއި ހިއްސާކުރިކަމަށްވެސް އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ވިރާސީ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ އއ. މާޅޮަސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އާއި އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އެވެ. އަދި މި 3 މީހުންގެ އިތުރުން އަދި އެހެން މީހަކުވެސް މި ކަމުގައި ބައިވެރިވި ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެމީހާ އަދި މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވެއެވެ.
މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަނބިކަނބަލުން ނާޒިމާއަށެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮޓޮޕްސީ ރިޕޯޓުން ވެސް ދައްކާ ގޮތުގައި އަބްދުއްރަހްމާން ނިޔާވެފައިވަނީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުންނެވެ
މި މަރާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ 3 މީހެއްގެ ފޯނު އަތުލައި، އަދި ގެތައް ބަލައި ފާސްކޮށްފައެވެ. މި ގޮތުން ހައްޔަރުކުރެވުނު ތިން މީހުންނަކީވެސް މާޅޮހުގައި ދިރިއުޅޭ އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ އެރަށުގައި ވަޒީފާ އަދާކުރާ ބައެއްކަން "ވިރާސީ" އަށް އެނގިފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރާއި ބެހޭގޮތުން ފުލުހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. ފުލުހުން ބުނީ މ މައްސަލައިގެރ އިތުރު ތަފްސީލް ފަހުން ހާމަކުރާނެއެވެ.
ރިއެކްޓް



