ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލެއިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 20 އަހަރުގެ ޒުވާނަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
މިއީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ ށ. ފުނަދޫ / ފުނަމާގެ، ޙަސަން ޝިނާންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ފުނަދޫ ބަނދަރުމަތިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 15 ސެލޯފިން ކޮޅު ވަނީ އޭނާގެ އަތުން ފެނިފައެވެ.
މި އޮޕަރޭޝަނަކީ ފުނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ޙަސަން ޝިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް



