އައިއެފްޖޭ އިން މީޑިއާ ރެގިއުލޭޓަރީ ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިންގެ ހައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކޮށް ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައިއެފްޖޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އޯގަނައިޒޭޝަންގެ މެންބަރު ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓްސް އޯގަނައިޒޭޝަން (އެމްޖޭއޭ) އިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ އައިއެފްޖޭގެ ވެސް ކަންބޮޑުވުންތަކެއް ކަމަށެވެ.
ބިލުގައި ހިމެނޭ ކަންބޮޑުވުންތައް
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެ ފަދަ މާއްދާތައް އެކުލެވޭ ބިލެއްކަމަށް ފާހަގަކުރެވެއެވެ. މީޑިއާތަކުން ދޭ މައުލޫމާތުގައި، މި ބިލު ފަރުމާކޮށް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އޯގަނައިޒޭޝަން (އެމްޖޭއޭ) އިން ބުނެއެވެ.
މި ބިލުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ދޫކޮށްލުމެވެ. މިގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމަށް އުފައްދާ ކޮމިޝަނުގެ 7 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ކަމަށްވުމާއި، ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވުމަކީ ސަރުކާރުގެ ނުފޫޒު ފުޅާވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. އަދި މީޑިއާތަކުން ވޯޓުދީގެން އިންތިޚާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވުމަކީ މީޑިއާތަކުން ފާހަގަކުރާ ކަންބޮޑުވުމެކެވެ.
މީގެ އިތުރުން ރެގިއުލޭޓަރީ ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި މީޑިއާތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ނިމުމުގެ ކުރިން އެ މީޑިއާތައް ބަންދުކޮށް، ޖޫރިމަނާކުރުމާއި އަދި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ހިމެނިފައިވުން ފާހަގަކުރެވެއެވެ.
އެމްޖޭއޭ އިން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް މި ބިލު ހުށަހެޅި މެންބަރަށް ގޮވާލާފައެވެ. އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން މި ބިލު މަޖިލީހުން ބޭރުކޮށްލުމަށްވެސް އެމްޖޭއޭއިން ގޮވާލާފައިވެއެވެ.
އެމްޖޭއޭއިން ފާހަގަކުރާ ކަންބޮޑުވުންތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ފަދަ ކަންކަން ކަމަށް އައިއެފްޖޭއިން ވެސް ދެކެއެވެ.
ރިއެކްޓް



