ޚަބަރު

ކުށުގެ ވެށީގައި ކުޑަކުދީންގެ ގުރޫޕްތައް އެއްވެ ތިބޭ މިންވަރު ދަނީ އިތުރުވަމުން: ފުލުހުން

އޮގަސްޓް 19, 2025 - 15:50
 0
ކުށުގެ ވެށީގައި ކުޑަކުދީންގެ ގުރޫޕްތައް އެއްވެ ތިބޭ މިންވަރު ދަނީ އިތުރުވަމުން: ފުލުހުން

ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިންގ އާއި އެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން މިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި މިފަދަ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމުގެ ސަބަބުން ގްރޫމިންގގެ ޝިކާރައަކަށްވުމާއި، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާންޖެހުމާއި، ޤާނޫނާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބުމާއި، މައިންބަފައިންނާ ނުރުހުންވެ ގެއިން ފިލައިގެން ދިއުމާއި، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ފާހަގަކުރެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފުލުހުން ވަނީ މައިންބަފައިންނާއި ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު މަޝްވަރާކުރުމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން، ފުލުހުން ބުނާ ގޮތުގައި މި ސަރަޙައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާ އާއި އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވަނީ ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ޚުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށްޓަކައި، މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0