ޚަބަރު

ޗައިނާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އޮގަސްޓް 19, 2025 - 14:22
 0
ޗައިނާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
ބިދޭސީ މަސައްކަތްތެރިންތަކެއް -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގައި މަސައްކަތްކުރާ ޗައިނާއަށް ނިސްބަތްވާ މީހުނަށް އަމާޒުކޮށްގެން ހިންގާ އައު ބާވަތެއްގެ މަކަރާއި ހީލަތުގެ ސްކޭމަކަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށާއި މި މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށެވެ.

ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެންނެވެ.

މި މަކަރުވެރި އަމަލު ހިންގުމުގައި، އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ، ޚާއްސަކޮށް ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކާއެވެ. މަކަރުވެރިން، ވިއްކާ ފަރާތަށް އޮޅުވާލައި، ކުޑަ ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅައެވެ.

މި މަކަރުވެރި އަމަލުގައި، މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ. ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކޮށް، ވިއްކާ ފަރާތުން ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރެއެވެ

ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވަނީ ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށެވެ. މިގޮތުން މީހަކާއެކު މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން ކަށަވަރުކުރުމަށާއި، ނުދަންނަ ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.

އަދި މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ، ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911 އަށް ގުޅައި އެކަން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0