ޓޮބެކޯ ސިޒޭޝަން ކްލިނިކަކާއެކު ހިމަންދޫ ސިއްޚީމަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަކާއެކު އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ސިއްޚީމަރުކަޒުގެ އައު އިމާރާތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ހިމަންދޫ ސިއްޙީމަރުކަޒުގެ އައު އިމާރާތުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޢާންމު ޞިއްޙަތުގެ ޚިދުމަތުގެ ޔުނިޓާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކާއި، މާބަނޑު މީހުންގެ ކްލިނިކާއި އަދި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކް ހިމެނެއެވެ. މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތްތަކެކެވެ.
ރައީސް ހިމަންދޫއަށް ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ތިން ދުވަހުގެ ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީގެ 8 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމަންދޫގައި އިތުރު ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން، ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްގެ ޒިޔާރަތާ ގުޅިގެން ހިމަންދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރިއެކްޓް



