ޚަބަރު

މާލިއްޔަތު ކޮމިޓީ އަދި 241 ކޮމިޓީއަށް އަލުން އަޒާނު އައްޔަންކޮށްފި

އޮގަސްޓް 19, 2025 - 09:21
 0
މާލިއްޔަތު ކޮމިޓީ އަދި 241 ކޮމިޓީއަށް އަލުން އަޒާނު އައްޔަންކޮށްފި
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަލުން އައްޔަންކޮށްފިއެވެ.

އަޒާން މި ކޮމިޓީތަކުން ކުރިން ވަކިކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ޕީއެންސީން އެދުނު ގޮތަށް ވޯޓު ދިނުމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ. އެ ބިލަށް އަޒާނު ވޯޓު ނުދިނުމާ ގުޅިގެން، ޕްރޮގްރެސިވް ކޮންގްރެސް އޮފް މޯލްޑިވްސް (ޕީއެންސީ)ގެ ޕާލިމެންޓަރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުންވެސް އަޒާން ވަނީ ބޭރުކޮށްފައެވެ.

އަޒާނު ވަކިކުރުމަށްފަހު، މާލިއްޔަތު ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން, އަދި 241 ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ އޭރު އައްޔަންކޮށްފައެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި ދެ ކޮމިޓީން އައިފާނާއި އިސްމާޢީލް ވަކިކޮށް، އަލުން އަޒާން އައްޔަންކުރި ކަމުގައި މަޖިލީހުގެ ރައީސް މުޙައްމަދު އަބްދުއްރަހީމް ޢަބްދުﷲ ވަނީ އިޢުލާންކުރައްވާފައެވެ.

މި ބަދަލާއެކު، އަޒާނަށް އަލުން ލިބިވަޑައިގަތީ ކުރިން އަދާކުރައްވަމުން ގެންދެވި ދެ ކޮމިޓީގެ މަޤާމުތަކެވެ. މި ބަދަލު ގެނައުމުގެ ސަބަބެއްގެ ގޮތުގައި ރަސްމީކޮށް އެއްވެސް ފަރާތަކުން މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮމިޓީތަކަށް އަލުން އައްޔަންކުރުމުން ޕީއެންސީއާއި އަޒާނުއާއި ދެމެދު ޖެހުނު މައްސަލަ ހައްލުވެއްޖެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0