ޕޭމެންޓު ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފި

ގައުމީ ޕޭމެންޓު ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލް، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މި ބިލަކީ ގައުމުގެ ޕޭމެންޓް ސިސްޓަމްތައް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް އިތުރު ބާރުތަކެއް ދިނުމަށް ހުށަހެޅުނު މުހިންމު ބިލެކެވެ.
ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު ހުށަހެޅުއްވި މި ބިލަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 68 މެންބަރުންގެ ތެރެއިން 63 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފައެވެ. އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ނާޒިލް ވަނީ ވަކި ކޮޅަކަށް ވޯޓު ދެއްވަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
މި އިސްލާހުގެ ދަށުން އެމްއެމްއޭއަށް ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫން ވެސް ގާނޫނީ ޝަހުސުތައް އުފެއްދުމުގެ ބާރު ލިބިދޭނެއެވެ. މީގެ އިތުރުން، ޕޭމަންޓު ހިދުމަތްތައް ސޮލިސިޓް ކުރުން މަނާކޮށް، އެފަދަ އަމަލުތަކަށް އަދަބު ކަނޑައެޅުމާ ބެހޭ އުސޫލުތައް ވެސް ގާނޫނުގައި ހިމަނާފައިވެއެވެ.
ހާއްސަކޮށް، މި އިސްލާހުގެ ސަބަބުން އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށް ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށް ޓަކައި ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ކުންފުނި، ޕާޓްނާޝިޕް ނުވަތަ ޖޮއިންޓް ވެންޗާ އުފެއްދުމުގެ ބާރު ލިބިދޭނެއެވެ. އަދި މިފަދަ ވިޔަފާރިތަކުގެ ހިއްސާދާރަކަށް ނުވަތަ ބައިވެރިއަކަށްވުމުގެ ފުރުސަތު ވެސް އެމްއެމްއޭއަށް ލިބިގެންދާނެއެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ، ރައްޔިތުންގެ މަޖިލީހުން ބިލް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ރިއެކްޓް



