ޔޫތް އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދެއްވައިފި

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ނުވަތަ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާ ދެއްވައިފިއެވެ.
މާހިލް އިސްތިއުފާ ދީފައިވަނީ އޭނާ ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރެކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވި، އެވާހަކަ މީސްމީޑިއާގައި ފެތުރުމުން ކަމަށް ބެލެވެއެވެ. މާހިލް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން އެ ތަކެތި ހިފެހެއްޓި ކަމަށެވެ. އަދި މި ސާމާނު ފެނުނީ މާހިލްގެ ލަގެޖުންނާއި ހަށިގަނޑުން ކަމަށްވެއެވެ.
މި މައްސަލައާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މާހިލްއަކީ ހާރިޖީ ވުޒާރާގެ މަގާމެއްވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
މާހިލް ޔޫތް އެޑްވައިޒަރީ ބޯޑަށް އައްޔަންކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. 15 މެންބަރުން ހިމެނޭ މި ބޯޑުން މީގެ ކުރިންވެސް ވަނީ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައެވެ.
ޔޫތް އެޑްވައިޒަރީ ބޯޑަކީ ސަރުކާރުގެ މެނިފެސްޓޯއާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެވިފައިވާ ބޯޑެކެވެ. މީގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތްކުރުމަކީވެސް މި ބޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރިއެކްޓް



