މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މީޑިއާ ކޮންޓްރޯލްކުރުމުގެ ބޭނުމުގައި މި ސަރުކާރުން އުފެއްދި ގާނޫނުގެ ދަށުން, ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރެވެން ދެން ވަގުތީ ކޮމިޝަން އެކުލަވާލައިފި އެވެ.
ގާނޫނުގައިވާ ގޮތުން ގާނޫނު އަމަލު ކުރަން ފެށުމަށްފަހު, ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރެވެން ދެން އިންތިގާލީ ކޮމިޓީއެއް އެކުލަވާލަން ޖެހެ އެވެ. ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މިއަދު މި ކޮމިޓީ އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރި ވަގުތީ މެންބަރުންނަކީ:
- އަހުމަދު މައުސޫމް, ލޯކަލް ގަވަމެންޓް މިނިސްޓްރީ, ޑިރެކްޓާ ޖެނެރަލް,
- އަލީ ޒަކީ, ސްޕޯޓްސް މިނިސްޓްރީ/ ޑިރެކްޓާ ޖެނެރަލް
- އާމިނަތު ނަސީރު، އިސްލާމިކް މިނިސްޓްރީ/ ޑިރެކްޓާ ޖެނެރަލް
- އާމިނަތު ޝަހީދާ, އިކޮނޮމިކް މިނިސްޓްރީ/ ޑިރެކްޓާ ޖެނެރަލް
- އިމާދު މުހައްމަދު. ގައުމީ އަރުޝީފު/ ސީއީއޯ
މި އިންތިގާލީ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ކުރާނީ މީޑިއާތައް ރެޖިސްޓްރީ ކުރުމަށް އަންނަ ހުށަހެޅުންތަކާ ގުޅޭ ގޮތް ނިންމުމާއި ކޮމިޝަން އިންތިހާބުކުރުމުގެ މަސައްކަތެވެ.
މި ގާނޫނުގެ މައިގަނޑު ބޭނުން ކަމުގައިވާ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު އިންތިގާލީ ކޮމިޝަނަށް ލިބިގެން ނުވެ އެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ނޫސްވެރިންގެ ސެލްފް ރެގިއުލޭޓަރީ ނިޒާމު އުވި, މޯލްޑިވްސް ބްރޮޑްކާސްޓިންގް ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ވަނީ އުވިފަ އެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަން އެކުލަވާލަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސާއި ކޮމިޝަންގެ ތިން މެންބަރަކު އައްޔަން ކުރުމުގެ ބާރު ލިބެނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. ބާކީ ހަތަރު މެންބަރުން އައްޔަން ކުރުމުގެ ބާރު ލިބެނީ މީޑިއާތަކަށެވެ.
ކޮމިޝަންގައި މީޑިއާ ތަމްސީލް ކުރާ މެންބަރުން ގިނަ ނަމަވެސް, ބޭނުން ކޮންމެ ވަގުތެއްގައި މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެ އެވެ.
މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފަށާފައިވަނީ އެކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ދެކޮޅު ހަދައި އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ރިއެކްޓް



