ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒެއް އުފައްދައިފި

"ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒު" ގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަގުސަދުގައި އުފެއްދުނު މި އިދާރާ ހިންގަމުންދާނީ ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
މި މަރުކަޒު އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން، ދިވެހި ބަހާއި ތާރީހާއި ތަރިކަ އާއި އާދަކާދަތަކުގެ އިތުރުން ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް، ދިރުވައި، އާލާކުރުމެވެ. އަދި ދިވެހީންގެ މެދުގައި ދިވެހިންވަންތަކަމާއި ދިވެހީންގެ ހައްގުގައި ހިދުމަތް ކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުމެވެ.
މި މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އާއި ދިވެހި ގައުމިއްޔަތާ ގުޅޭ ގޮތުން އެކި ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި، ރާއްޖެ އާއި ދިވެހީންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ލިޔުންތައް މިހާރުގެ ބަސްމަގަށް ބަދަލު ކުރުން ހިމެނެއެވެ. ނަމަވެސް، މިއީ މިހާރު ވެސް ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ގައުމިއްޔަތުގެ މުހިންމުކަން ފާހަގަކުރައްވަމުން، ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައްކަމަށާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައި ވިދާޅުވިއެވެ.
މި މަރުކަޒު އުފެއްދެވުމާއެކު، ދިވެހި ތަރިކައާއި ގައުމިއްޔަތު ދިރާސާކޮށް ދެމެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



