މީހަކު ރަހީނުކޮށް ފައިސާ އަތުލަން އުޅުނު ދެ މީހުން އަތުލައިގެންފި

މާލޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް، އޭނާގެ އާއިލާއިން ފައިސާ އަތުލަން އުޅުނު މައްސަލައެއްގައި ދެ ބިދޭސީއަކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ 37 އަހަރުގެ ސަގިދުލް އާއި މުހައްމަދު އަޒީޒުލްއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ރަހީނުކޮށް، އަނިޔާކުރުމަށްފަހު އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދުމަށް ޑިމާންޑްކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. މި މައުލޫމާތާ ގުޅިގެން ފުލުހުން ޝަޖަހާންގެ ފޯނު ނަންބަރުގެ ލޮކޭޝަން ޓްރޭސްކުރުމުން އޭނާ ހުރީ މއ. ރަނައުރާ ގޯޅީގައި ކަން ހާމަވިއެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔުމުން، ޝަޖަހާން އެސްއައި ގެސްޓްހައުސްއިން ނިކުތްތަން ފެނުނެވެ. ފުލުހުން އޭނާއާ ސުވާލުކުރުމުން، "އަޒީޒުލް އާއި އިތުރު ބަޔަކު އަހަރެން ކިޑްނެޕްކޮށް ބިރުދައްކައި އަނިޔާކުރި"ކަމަށް ބުނެފައިވެއެވެ.
ޝަޖަހާން ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު، އޭނާއަށް އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެ ވަގުތު އެތަނުގައި ތިބިއެވެ. މި ދެމީހުންގެ ތެރެއިން އެކަކު ކަމަށްވާ ސަދިގުލްއަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ތިލަފުށީގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ވަނީ މި މައްސަލައިގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.
އަޒީޒުލް ވެސް ރާއްޖޭގައި އުޅެމުންދަނީ ސައްހަ ވިސާއެއް ނެތިއެވެ. އޭނާ ބުނާ ގޮތުގައި، ޝަޖަހާން ލައްވާ މަސައްކަތް ކުރުވުމަށްފަހު އެ މަސައްކަތަށްވާ ފައިސާ ނުދީ އޮތުމުން، ތަކުރާރުކޮށް ގުޅުމުންވެސް ފައިސާ ނުލިބުމާ ގުޅިގެން އޭނާ ކޮޓަރިއަށް ގެންގޮސް ޖަހާފައިވާ ކަމަށް އެއްބަސްވެފައިވެއެވެ. މި މައްސަލައިގައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ރިއެކްޓް



