ޚަބަރު

ކުރީގެ އީޑީސީ ހިންގި އިމާރާތުގެ ފާރެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

އޮގަސްޓް 16, 2025 - 22:20
 0
ކުރީގެ އީޑީސީ ހިންގި އިމާރާތުގެ ފާރެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ
ފޮޓޯ: ސަން

މާލޭގެ ބުރު ޕާކު ސަރަހައްދުގައި ހުރި ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރު (އީޑީސީ) ހިންގި އިމާރާތުގެ ފާރެއް މިއަދު ވެއްޓި، ޖެހިގެން ހުރި އިމާރާތާއި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު މެންދުރު 1:00 އެހާކަށްހާއިރު ވެއްޓުނު ފާރުގެ ސަބަބުން ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަކަށް ގެއްލުންވެފައިވެއެވެ. އަދި ޖެހިގެން ހުރި އިމާރާތަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް "ވަގުތު" އަށް ވިދާޅުވި ގޮތުގައި، ފާރު ވެއްޓިފައި ވަނީ އެ ސަރަހައްދުގެ ޕާކިން ޒޯން ތެރެއަށެވެ. "ފޮޓޯތައް އަޅުގަނޑަށް ލިބެނީ، ފާރު ވެއްޓިފަ ހުރީ އެތާނގެ ޕާކިން ޒޯން ތެރެއަށް. ވެހިކަލްތަކަށް ގެއްލުން ލިބުނު ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ،" މޭޔަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ވެއްޓުނު ފާރުގެ ސަބަބުން ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރިން ވަނީ، ބާވެފައި ވެއްޓެން ކައިރިވެފައި ހުންނަ އިމާރާތްތައް ރައްކާތެރި ތަންތަނަށް ހެދުމަށް އިމާރާތްތަކުގެ ވެރިންނަށް އަންގަމުންދާ ކަމަށް ބުނެފައެވެ. މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0